ޒަމާނުންސުރެވެސް އަޅުގަނޑުމެންގެ ރާއްޖެއާމެދު ދެކެމުން އައިސްފައިވަނީ
ޤުދުރަތީ ވަޞީލަތްތައް މަދު، އިޤްތިޞާދީގޮތުން އުފެއްދުންތެރިކަމެއްނެތް
ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ހަޤީޤަތަކީ މި ޤައުމަކީ ކަނޑުފަޅުގެ
މުއްސަނދިކަން އޮތް، ނުވަދިހަ ނުވަ އިންސައްތަ ކަނޑުފަޅުގެ ގޮތުގައި ހިއްސާކުރާ
ޤުދުރަތީ ވަޞީލަތްތައް ހުރި ޤައުމެއްކަމެވެ. އެހެންނަމަވެސް މި މުއްސަނދިކަމުގެ
ފައިދާނެގުމަށްޓަކައި ބޭނުންވަނީ ޢިލްމާއި ޙިލްމެވެ. އަދި ބޮޑު ހޭދައެކެވެ. އެގޮތުން
މޫދު ލޮނުން ތަފާތު މާއްދާތައް ނެގުމާއި ކަނޑުގެ ދިރުންތަކާއި އެއިން
އުފައްދާތަކެތި ބޭރުކުރުމާއި ކަނޑުގެ އެންމެ އަޑީ ފަށަލައިން މަޢުދަންތައް
ނެގުމާއި ފަތުރުވެރިންނަށް ކަނޑުފަޅުތަކުގެ ރީތިކަން ދެއްކުން އަދި ފެނުން ހަކަތަ
އުފެއްދުން ފަދަ އެތަކެއް ބޮޑެތި މަޝްރޫޢުތަކެއް ހިންގިދާނެއެވެ. މިފަދަ
އިންޑަސްޓްރީތައް އުފެދުމުގެ ސަބަބުން
ވަޒީފާގެ ފުރުސަތުތައް އިތުރުވެ
ބޭރުފައިސާ ޤައުމަށް ވަންނަ މިންވަރު އިތުރުވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން
ޤައުމު ތަރައްޤީވެ ކުރިއަރައިގެންދާނެއެވެ.
މޫދުފެނުގައި އެކުލެވިގެންވާ މާއްދާތަކުގެ ތެރެއިން ލޮނާއި ބްރޮމައިޑް އަޔޮން
އަކީ އެއިން ރަނގަޅު ފައިދާއެއް ނެގިދާނެ ދެބާވަތެވެ. އެގޮތުން ކްލޮރިންގެ
އެހީގައި ބްރޮމައިޑް އަޔޮންތައް ފެނާއި ވަކިކޮށް ބްރޮމިން ގޭސްއަށް
ބަދަލުކުރެވިދާނެއެވެ. ހަމައެގޮތަށް މޫދުލޮނު ކައްކައި އޭގައިވާ ލޮނާއި ސާފުފެނާއި
ވަކިކުރެވިދާނެއެވެ. މިމަސައްކަތް ފުޅާ ދާއިރާއެއްގައި ކޮށް މިތަކެތި ރާއްޖެއިން
ބޭރަށް އެކްސްޕޯރޓް ކުރެވިއްޖެނަމަ ރާއްޖެއަށް ވަންނަ ބޭރުފައިސާ އިތުރުވެ
ޤައުމުގެ އިޤްތިޞާދު ކުރިއަރައިގެންދާނެއެވެ.
ލޮނާއި ބްރޮމިން
ހެދުމުގެ އިތުރުންވެސް ކަނޑުފަޅުތަކުގައިވާ ދިރުންތަކާއި މަސްމަހާމެހީގެ އެކި
ބާވަތްތަކާއި އެބާވަތްތަކުން އުފައްދާ
ކާނާ މާކެޓަށް ނެރުމަކީވެސް ކުރެވިދާނެ ފުޅާ ވިޔަފާރިއެކެވެ. މިސާލަކަށް
އިތާމުތާއި އެއިގެން އުފައްދާ ސާމާނުތައް މާކެޓަށް ނެރުމަކީ ކުރެވިދާނެ ވަރަށް ފައިދާބޮޑު ކަމެކެވެ.
ހަމައެގޮތަށް ކަނޑުކާނާ އުފައްދާ ފެކުޓަރީތަކުން އެބާވަތްތައް ބަންދުކޮށް ބޭރުގެ
މާކެޓްތަކަށް ނެރުމުން ޤައުމުގެ އިޤުތިޞާދުގެ ތެރެއަށް ބޭރުފައިސާ ވަނުމަށް
މަގުފަހިވެއެވެ.
ކަނޑުގެ އެންމެ
އަޑީގައިވާ ފަށަލަ ނުވަތަ "ސީބެޑް" އަކީ ރަނާއި ޒިންކުފަދަ އެތައް
އަގުހުރި މައުދަންތަކަކުން މުއްސަނދިވެފައިވާ ހިސާބެކެވެ. ދުނިޔޭގެ އެހެން
ޤައުމުތަކުގައިވެސް އެޤައުމުތަކުން
އެކްސްޕޯރޓްކުރާ މަޢުދަންތަކުގެ ބޮޑުބައެއް ނަގަނީ އެތަންތަނުގެ ކަނޑުންނެވެ.
މިކަންކުރުމަށްޓަކައި ކަނޑުގެ އެންމެ ފުނަށް ދާވަރުގެ ބޮޑުމެޝިނަކުން އަޑީގައިވާ
މަޢުދަންތައް ނެގުމަށްފަހު ސާފުކުރެއެވެ. އެއަށްފަހު އެމަޢުދަންތަކާއި އެތަކެތިން
އުފައްދާ ތަކެތި މާކެޓަށްނެރެއެވެ. ވުމާއެކު ކަނޑުގެ ސަތަހަބޮޑު މިރާއްޖޭގައި މިއީ
ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ އިންޑަސްޓްރީއެކެވެ. އޭރުން ޤައުމު
ހީވެސްނުކުރާ ވަރަށް ތަރައްޤީވެގެން ދާނެކަން ޔަޤީނެވެ.
އެމެރިކާ ފަދަ
ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުގައިވެސް އެބައިމީހުންގެ ކަނޑުފަޅުތަކުގެ ޤުދުރަތީ
މުއްސަނދިކަން ފަތުރުވެރިންނަށް ދައްކައި އެކަމުން ނުހަނު ގިނަ ނަފާތައް ހޯދަމުން
އާދެއެވެ. ހަމަ މިބީދައިން ދިވެހިރާއްޖޭގައިވެސް ފަތުރުވެރިންނަށް ކަނޑުފަޅުގެ
ރީތި މަންޒަރުތައް ދެއްކުމަށްޓަކައި މޫދުއަޑީގައި ބޭރުފެންނާނެހެން ތަފާތު
ތަންތަން ހެދިދާނެއެވެ. އަދި މިކަމުގައި އަޑިންދާބޯޓް ފަދަ އުޅަނދުތައްވެސް
ބޭނުންކުރެވިދާނެއެވެ. އެއާއެކު ހަމަޔަޤީނުންވެސް އަހަރަކު އެތަކެއް ބިލިޔަން ޑޮލަރު
މި ސިނާޢާތުގެ ތެރެއިން ރާއްޖޭގެ މާލިއްޔަތަށް ވަދެގެންދާނެއެވެ.
މިކަންތައްތަކުގެ
އިތުރުން ކުރެވިދާނެ އަނެއްކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެނުން ނުވަތަ އޮއި
ބޭނުންކޮށްގެން ހަކަތަ އުފެއްދުމެވެ. ނަތީޖާއަކަށްވާނީ ރާއްޖެއަށް
އެތެރެކުރަންޖެހޭ ތެޔޮ މަދުވުމާއި ބޮޑެތި ސިނާޢަތްތަކަށް ބޭނުންވާ ހަކަތަ ކުޑަ
ޚަރަދަކުން އުފެއްދުމެވެ. މިކަމަކީ ފަށައިގަތުމަށްޓަކައި ބޮޑުހޭދައެއް
ކުރަންޖެހުނުނަމަވެސް ފަހުން ޚަރަދު ކުޑަވެގެންދާނެ ކަމެކެވެ.
ދިވެހިރާއްޖެއަކީ
ޤުދުރަތީ ވަޞީލަތްތައްމަދު ޤައުމެކޭ ހީކުރެވުނުކަމުގައި ވިޔަސް ހަޤީޤަތުގައި
މިޤައުމަކީ ކަނޑުފަޅުތަކުގެ ޤުދުރަތީ މުއްސަނދިކަންހުރި، ނިސްބަތުން ކަނޑުފަޅުތައް
ގިނަ ޤައުމެކެވެ. މި މުއްސަނދިކަމުގެ ބޭނުންކޮށްގެން އުފެއްދުންތެރިކަން
އިތުރުކުރުމަށްޓަކައި ޤާބިލު، ޢިލްމުވެރި ސިކުނޑިތަކެއްގެ މަސައްކަތް
ބޭނުންވެއެވެ. އެގޮތުން މޫދުލޮނުން ތަފާތު މާއްދާތައް ނެގުމާއި ކަނޑުކާނާ
އެކްސްޕޯރޓްކުރުމާއި ފެނުންހަކަތަ ނެގުންފަދަ އެތައްކަމެއް ކަނޑުފަޅުތަކުގެ
ބޭނުންކޮށްގެން ކުރެވިދާނެއެވެ. އޭރުން އާބާދީގެ ބޮޑު ބަޔަކަށް
މިއިންޑަސްޓްރީތަކުން ފައިދާލިބި މުޖުތަމަޢުގެ ފެންވަރުމަތިވެ ޤައުމުގެ
އިޤްތިޞާދަށް އެތައް ކުރިއެރުމެއް ލިބިގެންދާނެއެވެ. އެހެންކަމުން ރާއްޖޭގެ
ކަނޑުފަޅުތަކުން ދިވެހިރާއްޖެ ތަރައްޤީކޮށް ކުރިއެރުވޭނެކަމީ ދެބަސްވެވެންނެތް
ހަޤީޤަތެކެވެ.
ޚިޔާލު :
ޚިޔާލު ފާޅުކުރެއްވުމަށް
ހިޔާލު