2015 ވަނައަހަރު ތަންފީޒުކުރަންފެށި ޤައުމީ އައު މަންހަޖާމެދު ކުރެވޭ އުއްމީދު....


1984 ވަނައަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމީ މަންހަޖެއް އެކުލަވާލައި ތަންފީޒުކުރަންފެށުމާއެކު ތަޢުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. ސުކޫލުތަކުގެ މެދުގައި ވާދަވެރިކަން އުފެދި އިމްތިހާނުތަކުން މަތީ ނަތީޖާ ހޯދަންފެށިއެވެ. އެހެންނަމަވެސް ދުވަސްވަމުން އައިވަރަކަށް މަންހަޖުގައިވާ މައްސަލަތައް ދިޔައީ ފާހަގަކުރެވެމުންނެވެ. އެ ހުރިހާ ކަމަކަށް ބެލިގެން ހަދާފައިވާ މަންހަޖެއްގެ ބޭނުން ބޮޑުވަމުން ދިޔުމުގެ ސަބަބުން، އޭގެ ތިރީސް އަހަރު ފަހުން 2015 ވަނަ އަހަރު އައު މަންހަޖެއް ތަންފީޒުކުރަން މި ވަނީ ފެށިފައެވެ. މި އައު މަންހަޖު އެކުލަވާލުމަށްޓަކައި އެކި ޤައުމުތަކުގައި ޢަމަލުކުރާ މަންހަޖުތައް ދިރާސާކޮށްފައިވެއެވެ. ހަމައެއާއެކު މަންހަޖު ފަރުމާކުރުމުގައި ރާއްޖެއާއި ދުނިޔެއަށް އަންނަމުންދާ އިޖްތިމާޢީ، އިޤްތިޞާދީ، ސިޔާސީ ބަދަލުތަކާއި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތްކޮށްފައިވެއެވެ. ވުމާއެކު އުއްމީދުކުރެވެނީ އައު މަންހަޖަށް ޢަމަލުކުރަން ފެށުމާއެކު އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރާ، ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތެއްގައި ވިސްނުން ގެންގުޅޭ، އެހެން މީހުންނާ ގުޅިގެން އުޅޭފަދަ އަދި އަދުގެ ޓެކްނޮލޮޖީއާއި މީޑިޔާގެ ވަޞީލަތްތަކަށް އަހުލުވެރި ކުދިންތަކެއް އުފެދިގެންދާނެކަމަށެވެ.

މިނިވަންކަމަށްޓަކައި ދިވެހިން ކުރި ދަތުރު ...


މިއަދު މިލޮބުވެތި ދިވެހި ފަސްގަނޑަކީ މިނިވަން ޤައުމެކެވެ. ޤައުމުގެ މިނިވަންކަން ރަމްޒުކޮށްދޭ ނިޝާންކަމުގައިވާ ދިވެހި ޤައުމީ ދިދަ މިނިވަންކަމާއެކު ވައިގެ ތެރޭގައި އެވިހުރެނީ ދެންދުވަހަކުވެސް މިޤައުމުގެ އެއްވެސް ދަރިޔަކަށް އަޅުވެތިކަމުގެ ހިތި ރަހަ ދެކޭކަށް ނުޖެހޭނެއޭ ބުނާފަދައަކުންނެވެ. މިޤައުމު މިނިވަންކަމަތީ މިއަދާ ހަމައަށްވެސް އޮތުމުގެ ސިއްރަކީ ކާބަފައިންގެ މިންނެތް މަސައްކަތެވެ. އެއްވެސް ހާލެއްގައި ޤައުމުގެ ދިގު ތާރީޚްގައި މިނިވަންކަމަށް ބުރުލެއް އަރާފަދަ ކަމެއް ދިމާނުވަނީކީއެއް ނޫނެވެ. އެހެންނަމަވެސް މިޤައުމު މިނިވަންކަމަށްޓަކައި ކުރީ ވަރަށްވެސް ދިގު ދަތުރެކެވެ. އެތައް ކޮޅިގަނޑެއްގައި ޖެހި، އެތައް ތޫފާންތަކެއް ކުރިމަތިވިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ދިވެހި ލޭހިނގާ ހިތްވަރުގަދަ ފަހުލަވާނުންތަކެއްގެ ޖެހިލުންކުޑަ މަސައްކަތުން ޤައުމު އަމާން ބަނދަރަކާ ހަމައަށްވަނީ ގެންގޮސްދީފައެވެ. އެގޮތުން އެންމެ ކުރީ ޒަމާނުގައިވެސް ދިވެހިންވަނީ ކަނޑުފޭރޭ މީހުންނާއި ދެކޮޅަށް ހަނގުރާމަކޮށްފައެވެ. އަދި ދިވެހި ތާރީޚްގައި ފާހަގަކޮށްލެވޭ މިފަދަ ހާދިސާތަކުގެ ތެރޭގައި ޕޯޗުގީޒުންގެ އަތުން ދިވެހިރާއްޖެ ސަލާމަތްވިގޮތާއި އެއަށްފަހު ހޮޅީންގެ އަތްދަށުން ދިވެހިން މިނިވަންވިގޮތް ހިމެނެއެވެ. ހަމައެއާއެކު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުގޮތުގެ އިތުރުން އެމިނިވަންކަމަށް ފަހުގެ ތާރީޚެއްގައި އަމާޒުކުރެވުނު ނުރައްކާތެރި ހަމަލާއިން ދިފާޢުވިގޮތްވެސް ހިމެނިގެންދެއެވެ.

އާސާރީ ތަރިކަ ހިމާޔަތްކުރުމުގައި އެޅިދާނެ ފިޔަވަޅުތައް


ދިވެހިބަހުގެ ރަދީފުގައިވާ ގޮތުން ތަރިކައަކީ ކާބަފައިން ދޫކޮށްފައިވާ ތަކެއްޗެވެ. މިފަދަ ތަކެތިން ކާބަފައިންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ވަރަށް ބޮޑަށް ދައްކައިދެއެވެ. ވުމާއެކު ތާރީޚާއި ސަޤާފަތް އަދި އާދަކާދަ ދެނެގަތުމުގައި އެ ތަކެތީގެ ބޭނުންތެރިކަން ވަރަށްބޮޑެވެ. އެހެންނަމަވެސް ހިތާމައަކީ މިއަދު މިފަދަ ތަރިކަތަށް ހިމާޔަތްކުރުމުގައި އިހުމާލުވެވުމުގެ ސަބަބުން އެ ތަރިކަތަށް ނެތެމުންދާކަމެވެ. މިފަދަގޮތަކަށް ތަރިކަތައް ނެތެމުންދާނަމަ ޤައުމަށް އެލިބިގެންދަނީ ފޫނުބެއްދޭފަދަ ގެއްލުމެކެވެ. އެހެނީ ބައެއްގެ ތަރިކައިގެ މުއްސަނދިކަމަކީ ދުނިޔޭގެ އެހެން މައިދާންތަކުގައިވެސް އެބައެއްގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ. އެހެންކަމުން ޤައުމުގެ އާސާރީ ތަރިކަތައް ހިމާޔަތްކުރުމަކީ އިސްކަމެއްދީގެން ކުރަންޖެހިފައިވާ ކަމެކެވެ. މިގޮތުން ތަރިކައިގެ ގޮތުގައި ހިމެނޭތަންތަނުގެ މަޢުލޫމާތާއި އެތަންތަނުގެ މުހިއްމުކަން ހާމަކުރުމާއި ސަޤާފީ ފަތުރުވެރިކަން ތަޢާރަފު ކުރެވިދާނެވެ. ހަމައެއާއެކު މިކަމާ ގުޅޭގޮތުން ޤާނޫނުތައް ހެދުމާއި އުވިނެތެމުންދާ ސަޤާފީކުޅިވަރުތަކާއި ވަޒަންބަހުރުވައިގެ ބާވަތްތައް ދިރުވުމަށްޓަކައި އެކި ހަރަކާތްތައް ހިންގުމާއި އިހުގެ ފުލޯކް ވާހަކަތައް ޗާޕްކުރުމާއެކު އެވާހަކަތައް ދިރާސާކުރުމުގެ އިތުރުން ތަރިކަ މަރާމާތުކުރުމަށާއި ދިރާސާކުރުމަށްޓަކައި ކަމުގެ ފަންނުވެރިން އުފައްދިދާނެވެ.

މަދަރުސާތަކުގައި ދިވެހިބަހުގެ ދުވަހެއް ފާހަގަކުރަންޖެހެއެވެ

ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އެޤައުމެއްގެ މާދަރީބަހަށް ޚާއްޞަކޮށްގެން ވަކި ދުވަހެއް ފާހަގަކުރެވެމުންދެއެވެ. އަދި ބައެއް ޤައުމުތަކުގައި އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމުގައި ވެސް ކަނޑައަޅައިފައި އޮވެ އެވެ. ވީއިރު ދިގު ތާރީޚަކާއި އަމިއްލައަކުރެއް ލިބިފައިވާ އަޅުގަނޑުމެންގެ މިދިވެހިބަހުގެ ދުވަހެއް ފާހަގަކުރަންޖެހޭ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ހާއްސަކޮށް މަދަރުސާތަކުގައި މިދުވަސް ފާހަގަކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އޭގެ ސަބަބުތައް ބައިވަރެވެ. އެގޮތުން ދިވެހިބަސް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށާއި ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ޝައުޤުވެރިކަން އުފެއްދުމާއެކު އަމިއްލަބަހާއި މެދު ފަޚްރުވެރިވާ ބައެއްކަމުގައި އެކުދިން ހެދުމުގެ އިތުރުން ބަހާއި ބެހޭ މަޢުލޫމާތު ރަނގަޅަށް ދެނެތިބެ އެބަސް މުއްސަނދި ކުރާނެ ދަރިން ތަކެއް އުފެދުމަށްޓަކައިވެސް ދިވެހިބަހުގެ ދުވަހެއް މަދަރުސާތަކުގައި ފާހަގަކުރަންޖެހެއެވެ.

މަތީ ސާނަވީގައި ދިވެހި ތާރީޚް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނަމަ ކުރާނެ ފައިދާ


ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަތާ އެތަކެއް އަހަރުތަކެއް ވެފައިވާއިރު، ހަމަޔަޤީނުންވެސް ދިވެހި ތާރީޚް ވެގެންދާނީ ވަރަށްވެސް މުއްސަނދި ތާރީޚަކަށެވެ. ނަމަވެސް މިޤައުމު އަޅުގަނޑުމެންނާ ހަމައަށް އަމާނާތްތެރިކަމާއިއެކު ގެނެސްދިނުމަށްޓަކައި ކާބަފައިން އޮހޮރުވި ލެޔާއި ކުރި ބުރަ މަސައްކަތްތައް މިއަދުގެ ދަރިންނަށް ކިޔައި ނުދޭނަމަ، ކިތައްމެ މުއްސަނދި ތާރީޚެއް އޮތްނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ؟ އެއާއި ޚިލާފަށް މަތީ ސާނަވީ މަރުހަލާގައި ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ދިވެހި ތާރީޚް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެވިއްޖެނަމަ ކާބަފައިންގެ ތެރެއިން ކާމިޔާބު ބަޠަލުންގެ ދިރިއުޅުއްވުމުން ނަމޫނާލިބުމާއި ދިވެހިބަސް އާލަވުމަށް މަގުފަހިވުމާއި ދިވެހި ޘަޤާފަތް ކުރިއެރުމަށް ބާރުލިބުމާއި ކުރީގެ ހާދިސާތަކުން ޢިބްރަތް ލިބިގަނެ އޭރު ހެދިފައި ހުންނަ ގޯސްތައް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އެހީލިބުން ފަދަ އެތައް ފައިދާތަކެއް ލިބިގެންދާނެއެވެ.

ދިވެހި ކަނޑުފަޅުތަކުން ދިވެހިރާއްޖެ ތަރައްޤީކޮށް ކުރިއެރުވޭނެއެވެ


ޒަމާނުންސުރެވެސް އަޅުގަނޑުމެންގެ ރާއްޖެއާމެދު ދެކެމުން އައިސްފައިވަނީ ޤުދުރަތީ ވަޞީލަތްތައް މަދު، އިޤްތިޞާދީގޮތުން އުފެއްދުންތެރިކަމެއްނެތް ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ހަޤީޤަތަކީ މި ޤައުމަކީ ކަނޑުފަޅުގެ މުއްސަނދިކަން އޮތް، ނުވަދިހަ ނުވަ އިންސައްތަ ކަނޑުފަޅުގެ ގޮތުގައި ހިއްސާކުރާ ޤުދުރަތީ ވަޞީލަތްތައް ހުރި ޤައުމެއްކަމެވެ. އެހެންނަމަވެސް މި މުއްސަނދިކަމުގެ ފައިދާނެގުމަށްޓަކައި ބޭނުންވަނީ ޢިލްމާއި ޙިލްމެވެ. އަދި ބޮޑު ހޭދައެކެވެ. އެގޮތުން މޫދު ލޮނުން ތަފާތު މާއްދާތައް ނެގުމާއި ކަނޑުގެ ދިރުންތަކާއި އެއިން އުފައްދާތަކެތި ބޭރުކުރުމާއި ކަނޑުގެ އެންމެ އަޑީ ފަށަލައިން މަޢުދަންތައް ނެގުމާއި ފަތުރުވެރިންނަށް ކަނޑުފަޅުތަކުގެ ރީތިކަން ދެއްކުން އަދި ފެނުން ހަކަތަ އުފެއްދުން ފަދަ އެތަކެއް ބޮޑެތި މަޝްރޫޢުތަކެއް ހިންގިދާނެއެވެ. މިފަދަ އިންޑަސްޓްރީތައް އުފެދުމުގެ ސަބަބުން  ވަޒީފާގެ ފުރުސަތުތައް  އިތުރުވެ ބޭރުފައިސާ ޤައުމަށް ވަންނަ މިންވަރު އިތުރުވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ޤައުމު ތަރައްޤީވެ ކުރިއަރައިގެންދާނެއެވެ.