މިނިވަންކަމަށްޓަކައި ދިވެހިން ކުރި ދަތުރު ...


މިއަދު މިލޮބުވެތި ދިވެހި ފަސްގަނޑަކީ މިނިވަން ޤައުމެކެވެ. ޤައުމުގެ މިނިވަންކަން ރަމްޒުކޮށްދޭ ނިޝާންކަމުގައިވާ ދިވެހި ޤައުމީ ދިދަ މިނިވަންކަމާއެކު ވައިގެ ތެރޭގައި އެވިހުރެނީ ދެންދުވަހަކުވެސް މިޤައުމުގެ އެއްވެސް ދަރިޔަކަށް އަޅުވެތިކަމުގެ ހިތި ރަހަ ދެކޭކަށް ނުޖެހޭނެއޭ ބުނާފަދައަކުންނެވެ. މިޤައުމު މިނިވަންކަމަތީ މިއަދާ ހަމައަށްވެސް އޮތުމުގެ ސިއްރަކީ ކާބަފައިންގެ މިންނެތް މަސައްކަތެވެ. އެއްވެސް ހާލެއްގައި ޤައުމުގެ ދިގު ތާރީޚްގައި މިނިވަންކަމަށް ބުރުލެއް އަރާފަދަ ކަމެއް ދިމާނުވަނީކީއެއް ނޫނެވެ. އެހެންނަމަވެސް މިޤައުމު މިނިވަންކަމަށްޓަކައި ކުރީ ވަރަށްވެސް ދިގު ދަތުރެކެވެ. އެތައް ކޮޅިގަނޑެއްގައި ޖެހި، އެތައް ތޫފާންތަކެއް ކުރިމަތިވިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ދިވެހި ލޭހިނގާ ހިތްވަރުގަދަ ފަހުލަވާނުންތަކެއްގެ ޖެހިލުންކުޑަ މަސައްކަތުން ޤައުމު އަމާން ބަނދަރަކާ ހަމައަށްވަނީ ގެންގޮސްދީފައެވެ. އެގޮތުން އެންމެ ކުރީ ޒަމާނުގައިވެސް ދިވެހިންވަނީ ކަނޑުފޭރޭ މީހުންނާއި ދެކޮޅަށް ހަނގުރާމަކޮށްފައެވެ. އަދި ދިވެހި ތާރީޚްގައި ފާހަގަކޮށްލެވޭ މިފަދަ ހާދިސާތަކުގެ ތެރޭގައި ޕޯޗުގީޒުންގެ އަތުން ދިވެހިރާއްޖެ ސަލާމަތްވިގޮތާއި އެއަށްފަހު ހޮޅީންގެ އަތްދަށުން ދިވެހިން މިނިވަންވިގޮތް ހިމެނެއެވެ. ހަމައެއާއެކު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުގޮތުގެ އިތުރުން އެމިނިވަންކަމަށް ފަހުގެ ތާރީޚެއްގައި އަމާޒުކުރެވުނު ނުރައްކާތެރި ހަމަލާއިން ދިފާޢުވިގޮތްވެސް ހިމެނިގެންދެއެވެ.
އެންމެ އިހުގައި ދިވެހިން އުޅޭ ރަށްރަށަށް ކަނޑުފޭރޭ މީހުން އަރާފައިވާކަމަށް ތާރީޚް ހެކިދެއެވެ. އަދި އެގޮތަށް އަރާ މީހުން ދިވެހިންގެ މުދާތައް ލޫޓުވުމާއި އަންހެންދަރިންގެ ޢިއްފަތްފޭރިގަތުން ފަދަ ކަންތައްކުރަމުންދިޔައެވެ. މިބައިމީހުންނާވެސް ދިވެހި ފިރިހެނުންވާނީ ކެރިގެން ކުރިމަތިލާފައެވެ.

ދިވެހި ތާރީޚްގައި އެންމެ ފާހަގަކޮށްލެވޭ ދުވަސްވަރަކީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރި ހިތާމަވެރި ދުވަސްތަކެވެ. "ކަނޑުގެ ބާޒު" ކަމުގައި މަޝްހޫރުވި ޕޯޗުގީޒުންގެ ހުވަފެނަކަށްވެފައި އޮތީ ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ ވިޔަފާރި އެމީހުންގެ އަތްދަށުލުމެވެ. އަދި ކެތަލިކްދީން ރާއްޖޭގައި ފެތުރުމެވެ. އޭރު ދިވެހިރާއްޖޭގެ ތަޚުތުގައި ރެދަލި ކުރައްވަމުންދިޔައީ ހިލާލީ ދަރިކޮޅުގެ ބޭފުޅެއްކަމަށްވާ އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔަކަ ކައްތިރި މަހާރަދުން ނުވަތަ އަލީ ރަސްގެފާނެވެ. ޕޯޗުގީޒުންގެ ލަޝްކަރު ދިވެހިރާއްޖެ ހިފުމަށްޓަކައި ނައުފަހަރުތަކުގައި އައިސް ބޮޑުބަޑިން ހަމަލާދޭން ފެށްޓުމާއެކު ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދުކުރައްވައި އަލީ ރަސްގެފާނު ޝަހީދުވެފައިވަނީ ރަސްކަމަށް ދެ މަހާއި ފަނަރަ ދުވަސް ކިރިޔާވީތަނާއެވެ. އެއީ 1 ޝަޢުބާން 965 ހ. (19 މެއި 1558) ގައެވެ. (މިއަދު އެދުވަސް ފާހަގަކުރެވެމުން އަންނަނީ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ.) އެއަށްފަހު ދެން ރާއްޖެ ދެކެމުންއައި ކަޅުއަނދިރި ދުވަސްތަކަކީ ބަޔާންކުރެވޭ ވަރަށްވުރެ މާހިތްދަތި ދުވަސްތަކެކެވެ. ދިވެހިންނަށް އެމީހުންގެ ދީން ދޫކޮށްލުމަށް މަޖުބޫރުކުރުވިއެވެ. މި އަނދިރިކަމުގެ ތެރޭގައި ފަނަރަ އަހަރާއި ހަ މަސް ވަންދެން ދިވެހިން ތިބިތިބުމަށް ނިމުމެއް ގެންނެވީ، މިއަދު މުޅި ޤަޢުމު އެބޭފުޅަކަށްޓަކައި ފަޚްރުވެރިވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (މުޙައްމަދު ތަކުރުފާނު) އެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްޢައްވަލު މަހުގެ އެއްވަނަ ދުވަހުއެވެ. މީލާދީ ސަނަތުން 2 ޖުލައި 1573 ގައެވެ. މިއަދު ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މި އަންނަނީ އެދުވަހެވެ.

މުޙައްމަދު ތަކުރުފާނުގެ ހިކުމަތްތެރިކަމުގެ ދަށުން ޕޯޗުގީޒުންގެ އަތްދަށުން މި ޤައުމު ސަލާމަތްވިތާ 185 އަހަރުފަހުން އަނެއްކާވެސް އެއަނދިރި ދުވަސްތައް ދިވެހި ޤައުމަށް އަނބުރާ އިޢާދަވިއެވެ. އިންޑިޔާގެ މަލާބާރީން ނުވަތަ ހޮޅީން ރާއްޖޭގެ މިނިވަންކަން ފޭރިގަތީއެވެ. އެބައިމީހުންގެ ދުއްތުރާތަކާއި އަނިޔާތަކަށް ކެތްނުވެގެން އެންމެފަހުން އެބައިމީހުންނާއި ހަނގުރާމަކުރުމަށް ނިންމަވައި އެރެއްގެ ފަތިހު އެމީހުންނާއި ކުރިމަތިލެއްވުމަށްފަހު ބަލިކުރައްވައި ދިވެހިންނަށް މިނިވަންކަން އަނބުރާ ހޯއްދަވައިދެއްވީ ހުރާ ދޮން ޙަސަން މަނިކުފާނު (ދޮންބަންޑާރައިން) ނުވަތަ އައްސުލްތާނުލް ޣާޒީ ޙަސަން އިއްޒުއްދީން ސިރީކުލަރަންބީމަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެއީ ހިޖްރީ ސަނަތުން 1166 ވަނަ އަހަރުގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހުއެވެ. ހުރަވީ ދުވަސް ފާހަގަކުރަމުން އަންނަނީ އެމަނިކުފާނު ވެވަޑައިގަތް ޖިހާދުގެ މަތީން ހަނދާން އައުކުރުމުގެ ގޮތުންނެވެ.

ރާއްޖެ ހޮޅީންގެ އަތްދަށުން މިންޖުވުމަށްފަހުވެސް އިނގިރޭސިންގެ ބާރުގެދަށުގައި އެތަކެއް ދުވަހެއްވަންދެން އޮތެވެ. މީލާދީން 1887 ވަނަ އަހަރު އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދިވެހިންވަނީ އެދުވަސްވަރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައެވެ. އަދި ހަމައެދުވަސްވަރު ރާއްޖޭގެ ދެކުނުގައި އިނގިރޭސިންގެ ވަކިތައް ހިއްޕާލާފައިވަނީ ވަރަށް ގަދަޔަށެވެ. އެގޮތުން 1948 ވަނަ އަހަރު އެއްބަސްވެވިފައިވާ މުޢާހަދާއެއްގެ ދަށުން ދެހާސް ޕައުންޑުގެ ކުއްޔަކަށް ސަތޭކަ އަހަރަށް އައްޑުއަތޮޅު ގަން ވަނީ އިނގިރޭސީންނަށް ކުއްޔަށްދީފައެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ ވަޒީރުލް އަޢުޡަމްގެ މަޤާމާއި އަލަށް ހަވާލުވެ ވަޑައިގެންނެވި ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ވަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންކުރެއްވުމަށް ނުހަނު ގިނަ މަސައްކަތްޕުޅުތަކެއްކުރައްވާފައެވެ. އެގޮތުން މާރޗް 1958 ގައި ރައްޔިތުން މަޖްލިސްގެ ޖަލްސާއަކުން އައްޑުއަތޮޅު ގަން އިނގިރޭސިންނަށް 100 އަހަރަށް ކުއްޔަށްދިނުމަށް ކުރެވިފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ޤަބޫލުނުކުރާކަމަށް ނިންމެވިއެވެ. އަދި ހަމަ މިދުވަސްވަރު 1959 ގައި އައްޑުއަތޮޅުގައި ދިވެހި ސަރުކާރާއި ދެކޮޅަށް ކުރެވުނު ބަޣާވާތުގައި ދެކުނުގެ ތިން އަތޮޅު ހިމެނޭގޮތަށް "ޔުނައިޓެޑް ސުވަދީބް އައިލެންޑްސް" ގެ ނަމުގައި އައު ދަޢުލަތެއް އުފެއްދިކަން އެކަމުގެ އިސްލީޑަރު ޢަބްދުﷲ އަފީފު ދީދީ އިއުލާންކުރުމާއިއެކު އެހަރަކާތް ހުއްޓަވައިލެއްވީވެސް ހަމަ އެމަނިކުފާނު އިސްކޮށް ހުންނަވައިގެންނެވެ. އިބްރާހިމް ނާޞިރުގެ ހިކުމަތްތެރިކަމުގެ ދަށުން އެއްވެސް ލޭއޮހޮރުވުމަކާއިނުލާ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. އެއީ މިއަދު މިފާހަގަކުރާ މިނިވަންދުވަހެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 48 އަހަރުވެފައިވާއިރު މި މިނިވަންކަން ދިވެހިންގެ އަތުން ބީވެގެންދާންޖެހޭފަދަ ނުރައްކާތެރި އުދުވާނީ ހަމަލާއެއް އައީ އެންމެ ފަހަރެއްގައެވެ. އެ ދުވަހަކީ ދިވެހީންގެ ހިތުން ނުފޮހެވޭނެ މަޝްހޫރު "ބަޑި ބުރާސްފަތި" އެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވީ ބުރާސްފަތިދުވަހުގެ ފަތިހު، ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމަޢާތަކާއި ދިވެހި ޚާއިނުންގެ ބަޔަކު ގުޅިގެން ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ސިފައިންގެ ހިފުމަށްޓަކައި ހަމަލާތަށް ދެމުންދިޔައެވެ. މުޅި ދިވެހިރާއްޖެ އަނެއްކާވެސް ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިގެންދިޔައެވެ. ދެން ދުވަހަކުވެސް އަޅުވެތިކަމުގެ ހިތި ރަހަ ދެކެންނުޖެހޭނެކަމަށް ނިންމައިގެންތިބި އެތައް ދިވެހިންނެއްގެ ލޯތައް ކަރުނައިން ތެންމަމުންނެވެ. އެދުވަހު ދީނާއި ޤައުމުގެ ދިފާޢުގައި ދިވެހި ދަރިޔަކު ޖިހާދުނުކުރެއްވިނަމަ މިއަދު ދިވެހިންވީހީ އަޅުވެތިކަމުގެ ހިތި ރަހަ ދެކެންޖެހިފަވާ ބަޔަކަށެވެ. ނަމަވެސް ހދ. ކުޅުދުއްފުށީ މާވާގޭ ކޯޕްރަލް ޙުސައިން އާދަމްވަނީ ބާޣީންނާއި ދެކޮޅަށް އަމިއްލަ ނަފުސު ކުރިމަތިލައްވާ ގެއްލެމުންދިޔަ ދިވެހި ޤައުމުގެ މިނިވަންކަން ދަމަހައްޓަވާފައެވެ. ޤައުމާއި ދީނަށްޓަކައި ޝަހީދުވެވަޑައިގެންފައެވެ. ދިވެހިންނަށް ނަޞްރު ހޯއްދަވައިދެއްވުމަށްފަހު އެވެ. ނަޞްރުގެ ދުވަސް ފާހަގަކުރަނީ އެދުވަހުގެ ހަދާން އާކުރުމުގެ ގޮތުންނެވެ.

ދިވެހިރާއްޖޭގެ ދިގު ތާރީޚަށް ނަޒަރުހިންގައިލާފިނަމަ ފެނިގެންދަނީ އަޑިގުޑަން ނުހަނު ގިނަ ދުވަސްތަކެކެވެ. ހިތްދަތި ދުވަސްތަކެކެވެ. ނަމަވެސް މި އަޑިގުޑަންތަކުން ސަލާމަތްވެ ޤައުމު މިނިވަންކަންމަތީ މިއަދާ ހަމައަށްވެސް އޮތުމުގެ ސިއްރަކީ ޤައުމަށް އުފަންވި ހަރުދަނާ ލީޑަރުންގެ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަން ކަން ޔަޤީނެވެ. ދިވެހި ޤައުމު މިނިވަންކަމަށްޓަކައި ކުރި ދަތުރުގައި އެތައް ހާދިސާތަކެއް ކުރިމަތިވެފައިވިއެވެ. ޕޯޗުގީޒުންނާއި ހޮޅީންގެ އަނިޔާވެރިކަމުގެ ދަށުގައިވެސް އެތަކެއް ދުވަހަކު ރާއްޖެއޮތެވެ. ހަމައެއާއެކު އިނގިރޭސިންގެ ހިމާޔަތުގައިވެސް އެތައް ދުވަހެއް ހޭދަކޮށްފައިވެއެވެ. އެހެންކަމުން މިނިވަންކަންމަތީ ޤައުމުދެމެހެއްޓުމަށްޓަކައި ކާބަފައިން ކުރި ދަތުރު ހަނދާން ނައްތާލައިގެންނުވާނެއެވެ. މާތްﷲ މި ކުޑަކުޑަ ރާއްޖެ މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށި. އާމީން!