ދެބާރަފުށީގެ ރައްޔިތުންނަށް ކޭބަލް ޓީވީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުން

ތަޢާރަފު
އާބާދީގައި 5000 މީހުން ދިރިއުޅެމުންދާ ދ. ދެބާރަފުށްޓަށް ކޭބަލް ޓީވީގެ ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން ދަނީ ތަފާތު މައްސަލަތައް ކުރިމަތިވަމުންނެވެ. މި ރިޕޯޓަކީ ކޭބަލް ޓީވީގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ހޯދައި ދިރާސާކުރުމަށްފަހު އެކަންކަން ހައްލުކުރުމަށްޓަކައި ކުރެވެންހުރި ކަންކަން ބަޔާންކުރުމަށް، ދ. ދެބާރަފުށީ ކައުންސިލްގެ ރިސާރޗް އޮފިސަރ ޢައިޝަތު އިމްނާ ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓު ބިނާކޮށްފައިވާނީ ރަށުގެ ރައްޔިތުންނާއި ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުން  ދީފައިވާ މަޢުލޫމާތުގެ މައްޗަށެވެ. އެގޮތުން ރިޕޯޓުގައި ބަލާލެވިފައިވާނީ ކޭބަލް ޓީވީގެ ސަބަބުން ދިމާވެފައިވާ މައިގަނޑު މައްސަލަތަށް ކަމުގައިވާ އާމްދަނީ ހޯދުމަށްކުރާ މަސައްކަތްތަކަށް ބުރޫއެރުމާއި ކިޔަވާ ކުދިން ކިޔެވުމަށްދޭ ސަމާލުކަން ކުޑަވުމާއި އާއިލާގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދުމާއި ޒުވާނުންގެ އަޚުލާޤު ގޯސްވުން އަދި ދީނީ ކަންތައްތަކަށް ދޭ ސަމާލުކަން ކުޑަވުމުގެ އިތުރުން އެކަންކަމުގެ ހައްލަށެވެ.  

ތަހްޤީޤީ ރިޕޯޓް


ތަޢާރަފް
2004 ވަނައަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ރާއްޖޭގެ އެތަކެއް ރަށެއްގެ ފަޅުވަނީ ވަރަށްބޮޑަށް ހަލާކުވެ، ބޭނުންކޮށް އުޅުމަށް ދަތިވެފައެވެ. އެގޮތުން ހއ. އިހަފަރަކީވެސް މިމައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިރަށުގެ ފަޅުހަދަމުންދާއިރު ދާދިފަހުން މިރަށުގެ ރައްޔިތުންތަކެއް ވަނީ މިކަންކުރަމުންދަނީ އެމީހުން ބޭނުންވާ ގޮތަށްނޫންކަމަށް ބުނެ އެމަސައްކަތް ހުއްޓުވާފައެވެ. މިއީ މިނިސްޓްރީ އޮފް ހައުސިންގ ގެ ފަރާތުން މިމައްސަލަ ތަހްޤީޤުކުރުމަށްފަހު ލިޔާ ރިޕޯޓެކެވެ. މިރިޕޯޓުގައި އަލިއަޅުވާލާފައިވާނީ ފަޅުހެދުމަށް ކުރިންކުރެވިފައިހުރި މަސައްކަތްތައް ދިޔަގޮތާއި މިފަހަރުގެ މަޝްރޫއުކުރިޔަށް ގެންދަންހަމަޖެހިފައިއޮތްގޮތާއި މިކަމުގައި ހިމެނޭފަރާތްތަކުގެ ބަހާއި ކުރިމަގުގައި މިފަދަމައްސަލަތައް މެދުވެރިނުވާނެގޮތަކަށް ކަންކަން ކުރިއަށް ގެންދާނެގޮތުގެ މައްޗަށެވެ.