ދިވެހިބަހުގެ
ރަދީފުގައިވާ ގޮތުން ތަރިކައަކީ ކާބަފައިން ދޫކޮށްފައިވާ ތަކެއްޗެވެ. މިފަދަ ތަކެތިން
ކާބަފައިންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ވަރަށް ބޮޑަށް ދައްކައިދެއެވެ. ވުމާއެކު
ތާރީޚާއި ސަޤާފަތް އަދި އާދަކާދަ ދެނެގަތުމުގައި އެ ތަކެތީގެ ބޭނުންތެރިކަން
ވަރަށްބޮޑެވެ. އެހެންނަމަވެސް ހިތާމައަކީ މިއަދު މިފަދަ ތަރިކަތަށް ހިމާޔަތްކުރުމުގައި
އިހުމާލުވެވުމުގެ ސަބަބުން އެ ތަރިކަތަށް ނެތެމުންދާކަމެވެ. މިފަދަގޮތަކަށް
ތަރިކަތައް ނެތެމުންދާނަމަ ޤައުމަށް އެލިބިގެންދަނީ ފޫނުބެއްދޭފަދަ ގެއްލުމެކެވެ.
އެހެނީ ބައެއްގެ ތަރިކައިގެ މުއްސަނދިކަމަކީ ދުނިޔޭގެ އެހެން މައިދާންތަކުގައިވެސް
އެބައެއްގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ. އެހެންކަމުން ޤައުމުގެ އާސާރީ ތަރިކަތައް
ހިމާޔަތްކުރުމަކީ އިސްކަމެއްދީގެން ކުރަންޖެހިފައިވާ ކަމެކެވެ. މިގޮތުން
ތަރިކައިގެ ގޮތުގައި ހިމެނޭތަންތަނުގެ މަޢުލޫމާތާއި އެތަންތަނުގެ މުހިއްމުކަން ހާމަކުރުމާއި
ސަޤާފީ ފަތުރުވެރިކަން ތަޢާރަފު ކުރެވިދާނެވެ. ހަމައެއާއެކު މިކަމާ ގުޅޭގޮތުން
ޤާނޫނުތައް ހެދުމާއި އުވިނެތެމުންދާ ސަޤާފީކުޅިވަރުތަކާއި ވަޒަންބަހުރުވައިގެ
ބާވަތްތައް ދިރުވުމަށްޓަކައި އެކި ހަރަކާތްތައް ހިންގުމާއި އިހުގެ ފުލޯކް
ވާހަކަތައް ޗާޕްކުރުމާއެކު އެވާހަކަތައް ދިރާސާކުރުމުގެ އިތުރުން ތަރިކަ
މަރާމާތުކުރުމަށާއި ދިރާސާކުރުމަށްޓަކައި ކަމުގެ ފަންނުވެރިން އުފައްދިދާނެވެ.
ގިނަފަހަރަށް އާސާރީ
ތަރިކަތަކަށް ސަމާލުކަންނުދެވެނީ އެތަކެތީގެ މުހިއްމުކަން ނުވިސްނޭތީއެވެ. ނުވަތަ
އެތަކެއްޗާއި މެދު ފަރުވާކުޑަކުރެވެނީ އެތަކެއްޗާއި ބެހޭ މަޢުލޫމާތު ނޭނގޭތީއެވެ. ވުމާއެކު
އާސާރީ ތަރިކައިގެ ގޮތުގައި ހިމެނޭ ތަންތަނާއި ތަކެތީގެ ލިސްޓެއް ހެދުމަށްފަހު
ފޮތެއް އެކުލަވާލައި އެތަކެއްޗާއި ބެހޭ މަޢުލޫމާތު ޢާންމުންނަށް ހާމަކުރެވިދާނެވެ.
އަދި އެތަންތަނާއި ތަކެއްޗަކީ ޤައުމަށް ކިހާ ބޭނުންތެރި ތަކެއްޗާއި ތަންތަންކަން
ވިސްނައިދެވިދާނެވެ. ހަމައެއާއެކު އީދިގަލިކުޅިފަދަ ޤުދުރަތީ ތަރިކަތަށް ރައްކާތެރިކުރުމަށްޓަކައި
އެތަންތަނުގެ ކައިރީގައި ކުނިއަޅައި ހަޑިނުކުރުމަށް އިރުޝާދުދޭ ބޯޑުތަކާއި
މައުލޫމާތު ބޯޑު ބެހެއްޓިދާނެއެވެ. ހަމައެގޮތަށް އާސާރީ ތަންތަނުގައިވެސް މިފަދަ
ބޯޑްތައް ބެހެއްޓިދާނެއެވެ. މިގޮތަށް މިކަންކުރެވިއްޖެނަމަ މީހުން މިކަމަށް
މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެގެންދާނެއެވެ.
ތަރިކައިގެ ގޮތުގައި
ހިމެނޭ ތަންތަނުގެ މަޢުލޫމާތު ޢާންމުކުރުމުގެ އިތުރުން ދެންކުރެވިދާނެ އަނެއް
ކަމަކީ ރާއްޖެއަށް ސަޤާފީ ފަތުރުވެރިކަން ތަޢާރަފު ކުރުމެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އިޤްތިޞާދީ ފައިދާ
ލިބިގެންދާނެއެވެ. ވުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށްޓަކައި އާސާރީ ތަރިކަތައް
ހިމާޔަތްކުރުމަށް ރައްޔިތުން އިސްކަންދޭނެއެވެ. އަދި ސަޤާފީ އާދަކާދަތައް
ދެއްކުމަށްޓަކައި ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވުމުގެ ސަބަބުން
ނެތެމުންދާ ސަޤާފީ އާދަތައް ދިރިގެންދާނެވެ. ހަމައެހެންމެ މިއީ އިޤްތިޞާދީގޮތުން
ނަފާ ލިބޭނެފަދަ ޖކަމެއްކަމުން ގިނައަދަދެއްގެ ފަތުރުވެރިން މިކަމަށް
ޝައުޤުވެރިކުރުމަށްޓަކައި ސަރުކާރުންވެސް ސަޤާފީ ތަރިކަތައް ހިމާޔަތްކުރުމަށް
މަސައްކަތްކުރާނެއެވެ.
ސަޤާފީ ތަރިކަތައް
ހިމާޔަތްކުރުމަށްޓަކައި ކުރެވިދާނެ އެއްކަމަކީ އެކަމަށް ބޭނުންވާ ޤާނޫނުތައް
ހެދުމެވެ. އާސާރީ ތަންތަނަށް ގެއްލުންދޭ މީހުންނަށް އެކަށީގެންވާ އަދަބުތައް
ލިބޭނެފަދަ ޤާނޫނުތައް ނެތުމުގެ ސަބަބުން އެފަދަ ފަރާތްތަކަށް އެކަށީގެންވާ
ފިޔަވަޅު ވަނީ ނޭޅިއެވެ. މިކަން ހައްލުކުރުމަށްޓަކައި ޤާނޫނުން ސަޤާފީ
ތަރިކަތައްކަމުގައި ބެލެވޭނެ ތަންތަނާއި ތަކެތި ކަނޑައަޅައި އެތަންތަނާއި
ތަކެއްޗަށް ގެއްލުންދީފިނަމަ ދޭނެ އަދަބުތައް ކަނޑައެޅިދާނެވެ.
ބަހަކީވެސް
އެބައެއްގެ ސަޤާފީ ތަރިކައިގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. ވުމާއެކު ސަޤާފީ
ތަރިކަތައް ރައްކާތެރިކުރާކަމަށް ވާނަމަ ބަހުގައި ހިމެނޭ އިހުގެ އަދަބީ ތަރިކަތައް
ރައްކާތެރިކުރަންޖެހެއެވެ. އެގޮތުން އުވިނެތެމެމުންދާ ވަޒަންބަހުރުވައިގެ
ބާވަތްތައް އަދުގެ ޒުވާން ޖީލާ ރައްޓެހި އެއްޗަކަށް ހަދަންޖެހެއެވެ. އެގޮތުން
މަދަރުސާތަކުގައި މިފަދަ ބައިތައް ހިމަނާގެން މާއްދާއެއް ކިޔަވާދެވިދާނެއެވެ.
ހަމައެއާއެކު ވަޒަންބަހުރުވާގެ ބާވަތްތައް ހެދުމާއި ކިޔުމުގެ ހުނަރު
ތަރައްޤީކުރުމަށްޓަކައި އެފަދަ މުބާރާތްތައް ބޭއްވިދާނެއެވެ. އަދި އިހުގެ އަދީބުން
ލިޔެފައިވާ ތަކެއްޗާއި އިހުގެ ފުލޯކު ވގާހަކަތައް ޗާޕުކުރެވިދާނެއެވެ. ހަމައެއާއެކު
އެފަދަ ވާހަކަތައް ދިރާސާވެސް ކުރެވިދާނެއެވެ.
ސަޤާފީ ތަރިކަތައް
ހިމާޔަތްކުރުމަށްޓަކައި ބަސް ދިރުވުމުގެ އިތުރުން އެކަމަށް ޤާބިލް ފަންނީ މީހުން
އުފެއްދިދާނެއެވެ. އެގޮތުން އެދާއިރާއިން މީހުން ތަމްރީނުކުރުމަށް ސްކޮލަޝިޕް
ދިނުމާއި ކޯސްތައް ހިންގުންފަދަ ކަންތައްކުރެވިދާނެއެވެ. އެފަދަ ބޭފުޅުން ލައްވާ
ސަޤާފީ ތަރިކަތަކާއި ބެހޭ މަޢުލޫމާތު ހޯދުމާއި އެފަދަ ތަކގެތި ދިރާސާކުރުމުގެ
އިތުރުން ތަރިކައިގެ ގޮތުގައި ހިމެނޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓިދާނެއެވެ.
އޭރުން އެފަދަ ތަންތަން ގިނަދުވަހަށް ދެމިގެންދާނެއެވެ.
ދިވެހިރާއްޖޭގައިވެސް
ތަފާތު އާސާރީ ތަންތަން މިއަދުވެސް ފެންނަން އެބަހުއްޓެވެ. އާސާރީ މިސްކިތްތަކާއި
އެންމެ ކުރީ ޒަމާނުގައި ދިވެހިން އަޅުކަންކުރި ތަކެތީގެ އިތުރުން ތާރިހުގެ
މުހިއްމު ބަޠަލުންގެ ވަރަށް އަގުހުރި ތަރިކަތަކެވެ. ހަމައެއާއެކު ތަރިކައިގެ
ތެރޭގައި ހިމެނޭ އާދަކާދަ ތަކާއި އަމިއްލަ ބަހެއްވެސް އެބައޮތެވެ. ނަމަވެސް
ހިތާމައަކީ މިފަދަ ތަރިކަތަކަށް ހިމާޔަތްކުރުމަށް އެއްވެސް ފަރާތަކުން
ސަމާލުކަންނުދެވި ހުރުމުގެ ސަބަބުން އެތަކެތި ގެއްލިގެންދިއުމަށް މަގުފަހިވެފައިވާތީއެވެ.
ވުމާއެކު މި ސަޤާފީ ތަރިކައިގެ މުއްސަނދިކަން ދެމެހެއްޓުމަށްޓަކައި ހިމާޔަތްކުރަން ވަރަށް ގިނަ
މަސައްކަތްތަކެއްވަނީ ކުރަންޖެހިފައެވެ. ސަޤާފީ ތަރިކަތަކާއި ބެހޭ މަޢުލޫމާތު
ހާމަކުރުމާއި ސަޤާފީ ފަތުރުވެރިކަން ތަޢާރަފުކޮށްގެންނެވެ. ހަމައެއާއެކު ކަމަށް
ބޭނުންވާ ޤާނޫނުތައް ހަދައިގެންނެވެ. އަދި އިހުގެ ފުލޯކުވާހަކަތައް އާންމުކޮށް
ޝާއިޢުކޮށްގެންނެވެ. ކަޖހމަށް ބޭނުންވާ ފަންނީ ބޭފުޅުން ތަމްރީނުކޮށްގެންނެވެ.
ޚިޔާލު :
ޚިޔާލު ފާޅުކުރެއްވުމަށް
ހިޔާލު