މަގޭ ދަރިފުޅު

މުޅި މާހައުލަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. މަގުމަތީ ދުއްވާ އެއްޗެހީގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. އަހަރެން އިނީ، ބެލްކަނީގައެވެ. ދުރުން ބަލާމީހަކަށް ހީވެދާނެއެވެ. އަހަރެން ބަލަނީ މަގުމަތިން ފެންނަ މަންޒަރަށެވެ. ނަމަވެސް މަގުމަތީ ކޮޅުކޮޅަށް ހިނގާ މީހުންނާއި ދުއްވާ އެއްޗެއްސަކަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއްނެތެވެ. އަހަރެންގެ ހިޔާލުތައްވަނީ އެއަށްވުރެ މާދުރަށް ގޮހެވެ. ހިތަށް ސިފަވަމުން ދިޔައީ އަހަރެންގެ ދަރިފުޅު ސުމާއެވެ. އެ މައުސޫމު ހިނިތުންވުމެވެ. އެ ހިނިތުންވުމާއި ނުލާ އަހަރެންގެ ހިތްފަޅުވެދާނެކަމުގެ އިހުސާސްކުރެވެމުންދިއައެވެ. ރޭގެ އެހާދިސާ މިއަދު އަހަރެން ވިސްނާލުމަށް މަޖުބޫރު ކުރުވައިފިއެވެ. ކުށްވެރިޔަކީ އަހަންނެވެ. އެއީ އަހަރެންޤަބޫލުކުރާ ގޮތެވެ. އަހަރެންގެ ކުށަކީ ކަންތަކާއި ރުޅިއައުމާއި ފަރުވާކުޑަވުމެވެ. މީހުންގެ އިހްސާސްތައް ދެނެގަންނަން ނޭނގުމެވެ.  

ދުވާލު ހަތަރު ދަމު އޮފީހުގައި އުޅެފައި ރޭގަނޑު ރައްޓެހިންނާއެކު ރެސްޓޯރެންޓް ތަކަށް ދިއުމަކީ އަހަރެން ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމަކަށްވަނީ ވެފައެވެ. ގެޔަށް އާދެވޭއިރު ހުންނަނީ ރޭގަނޑު 12 ޖަހާ ބޮޑުވެފައެވެ. އެއިރު ހުންނަނީ ނިދި ބޮލަށް ސަވާރުވެފައެވެ. ވުމާއެކު އަހަރެން ސުމާ މަތިން އެއްގޮތަކަށްވެސް ހަނދާނެއް ނުހުރެއެވެ. ހަނދާންކުރާކަށްވެސް ބޭނުމެއް ނުވެއެވެ. އަހަރެންނަށް ވިސްނޭގޮތުގައި އަހަރެން މި ހުރިހާ މަސައްކަތެއްވެސް މިކުރަނީ ހަމަ ސުމާއަށްޓަކައެވެ. އަހަރެންގެ ނަޒަރުގައި ސުމާގެ ބައްޕަ ދުނިޔެ ދޫކުރިނަމަވެސް އޭނާއަށް އުނިވާނެ އެއްވެސް އެއްޗެއް ނުހުންނާނެއެވެ. އެހެންކަމުން އަހަރެންގެ ޝަކުވާއަކަށް ވެފައިވަނީ، އަހަރެން ކޮށްދޭކަންތައްތަކުގެ އަގު ވަޒަންނުކުރާކަމެވެ. މަދަރުސާއިން ރަނގަޅު ނަތީޖާއެއް ނުލިބޭތާނގައި ފާސްވެސްނުވާތީއެވެ. ދެރައީ މިއިން އެއްވެސް ކަމަކާމެދު އަހަރެންނަށް ވިސްނައިނުލެވުނުކަމެވެ. ރިޕޯޓް ދޭ ކޮންމެ ދުވަހަކީ އަހަރެންގެ ވިހަގަދަ ބަސްތަކާއި އަނިޔާތައް ސުމާއަށް އަމާޒުކުރެވޭ ދުވަހަކެވެ. އަހަރެން އެގޮތަށް ކަންތައްކުރީ ސުމާ ދެކެ ލޯބިނުވާތީއެއްނޫނެވެ. ސުމާ ރަނގަޅުކުރުމުގެ ބޭނުމުގައެވެ.
   
"މަންމާ!" އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އުމުރުން 9 އަހަރުގެ ސުމާ ގޮވާލިއަޑަށެވެ. އެ އަޑުގައިވަނީ ހިތާމައިގެ އަސަރެވެ. މޫނުމަތިން އެއްޗެއް ބުނަން ބޭނުންވާކަން ދޭހަވާން ހުއްޓެވެ. ނަމަވެސް އެކަން އެނގޭކަމަކަށް އަހަރެން ނުހަދަމެވެ. "މިއަދު އަނެއްކާ ކިހިނެއްވީތަ؟ އެއްޗެއް ކާން ބޭނުންވެއްޖެންޔާ ނަގައިގެން ކާ؟ ދަރިފުޅު ބޭނުން އެއްޗެއް ޒާރާދައްތަ ހަދައިދޭނެ.. މަންމަ އަކަށް މަޑުކުރެވޭކަށް ނެތް ކާން ދޭކަށް.. އޮފީހަށް ދާ ގަޑި ޖެހިއްޖެ..." އަހަރެން ގެއިންނުކުންނަމުން ފަތިވަރެއް އަމުނާލީމެއެވެ. ދުރުގައި ސުމާ އަހަރެންނާ ދިމާއަށް ފެންކަޅިވެފައި ބަލަހައްޓައިގެން ހުއްޓެއްކަމަކު އެކަމާ އަހަރެން އަޅައެއްނުލަމެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދަ ކަމަށްވާތީއެވެ. އެދުވަހު އަހަރެންނަށް ގެއަށް އާދެވުނީ ތަންކޮޅެއް އަވަހަށެވެ. އޮފީހުގެ މަސައްކަތް ބުރަކަމުން އަވަހަށް އައީ އަރާމުކޮށްލުމުގެ ބޭނުމުގައެވެ. އަހަންނާއެކު ރެސްޓޯރެންޓަށްދާ މީހުންވެސް މިއަދަކު ނާދެއެވެ. ވުމާއެކު ކުޑަ ގޮތަކަށް ކާލައިގެން އައީއެވެ.

ގެއަށްވަދެވުމާއެކު ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ކުއްޖެއްގެ ގިސްލުމުގެ އަޑެވެ. އަހަރެންދިޔައީ ސިއްސައިގެންނެވެ. މުޅިގޭތެރޭގައިވަނީ ހަމަހިމޭންކަމެވެ. އަހަރެންގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވަނެވެ. އަވަހަށް ގޮސް ސުމާގެ ކޮޓަރި ހުޅުވާލީމެވެ. އަހަރެންދިޔައީ ސިއްސައިގެންނެވެ. މުޅިމީހާ ގަނޑުވި ކަހަލައެވެ. ސުމާއޮތީ ތަޅުންގަނޑު މައްޗަށްވެއްޓިފައެވެ. ކައިރީގައި ލޭގެ ކޯރެއް ހެދިފައި އޮތެވެ.  "ދަރިފުޅާ... ސު...ސުމާ" އަހަރެންގެ އަޑެއްބޭރެއް ނުވިއެވެ. ކަރުތެރެ ބެދިފައިވާ ކަހަލައެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަފައިބަން ފެށިއެވެ. މުޅިމީހާ ތުރުތުރު އަޅަންފެށިއެވެ. ބަލާކަށް ނުހުރެ ސުމާ ނަގާ އެނދުގައި ބޭއްވީމެވެ. އެވަގުތު ސުމާ ދިއްކޮއްލީ ކަރުދާސް ކޮޅެކެވެ. "ލޯބިވާ މަންމާ! މަންމަގެ ގަހަނާތަކާއި ރުފިޔާ ޒާރާ ދައްތައާ ހަވާލުކޮށްފައި އޮފީހަށް ދާންކެރޭނެތަ... ނޫން ދޯ... އެހެންވިއްޔާ ކީއްވެ އަހަރެންނަށް ތިހެން ތިހަދަނީ.. މަންމަގެ ދިރިއުޅުމުގައި އަހަރެންގެ އެއްވެސް އަގެއްނެތީތަ...ތި ދިރިއުޅުމުން އެއްވެސް ޖާގައެއް އަހަންނަކަށް ނެތްތަ....މަންމާ ! ހެޔޮނުވާނެ..އާދޭސްކޮށްފައި ބުނަން އަހަންނަށްވެސް ވަގުތުކޮޅެއްދީ..." އޭގައިވި ޖުމުލަތައް ކިޔަމުންދިޔައިރު އިހުސާސްވަމުންދިޔައީ އަހަރެންނަކީ ދުވަހަކުވެސް މާފު ނުލިބޭނެފަދަ ބޮޑުކުށެއް ކޮށްފައިވާ ކުށްވެރިއެއްގެ ގޮތުގައެވެ. އަހަރެންމީ ކޮންކަހަލަ މަންމައެއްހެއްޔެވެ؟ މައިވަންތަކަމުގެ ލޯބީގެ ކަންފުޅެއްގެ މިންވަރުވެސް އަހަރެންގެ ހިތުގައި ނެތީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންނަށް އެލޯބި ދޭންނޭގުނީއެވެ. ލޯބި ނުބައިކޮށް މާނަކުރެވުނީއެވެ.

"ނަސީބު ވަރަށް ރަނގަޅު.. ހާލު ދަނީ ރަނގަޅުވަމުން.. އެކަމަކު ކުއްޖާއަށް ހުރީ ނަފުސާނީ ގޮތުން ވަރަށްބޮޑަށް އަސަރުކޮށްފަ... އޭގެ ސަބަބުން ރޭގައި މަސައްކޮށްފައި އެވަނީ އަމިއްލައަށް މަރުވާން..މިވަގުތު ކުއްޖާއަށް ބޮޑަށް ބޭނުންވަނީ ލޯތްބާއި އަޅާލުން..." އަހަރެން ޑަކްޓަރަކަށް ގުޅައިގެން ގެޔަށް ގެނައީމެވެ.
ދަރިފުޅު ސަލާމަތްކުރެއްވި ކަމަށްޓަކައި އަހަރެން ﷲ އަށް ހަމްދާ ޝުކުރުކުރީމެވެ. ދެން އެފަދަ ކަމެއް ތަކުރާރުކުރުމުގެ ފުރުސަތު ނުދިނުމަށް އަޒުމުކަނޑައެޅީމެވެ. އާއެކެ.. އެއީ އަހަރެން ގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދަރިފުޅަށް ލޯބި ދޭން ހުރި ހަމައެކަނި މީހަކީވެސް ހަމަ އަހަރެންނެވެ. އަހަރެން އެ ދަރިފުޅުގެ ހިތްފުރެންދެން ލޯތްބާ އަޅާލުންދޭނަމެވެ.

"މަންމާ! ފެންތަށްޓެއް.." ދަތުރުކުރަމުންދިޔަ އަހަރެންގެ ހިޔާލީ ނައު ހުއްޓުނީ ސުމާގެ އަޑަށެވެ. އަވަސް އަވަހަށް ކަރުނަތިކިތައް ފޮހެލަމުން ތެދުވެ ހިނގައިގަތީމެވެ. އަބަދުމެ އެދަރިފުޅުގެ ޚިދުމަތުގައި ދެމިހުރުމަށެވެ.






ޚިޔާލު :

ޚިޔާލު ފާޅުކުރެއްވުމަށް

ހިޔާލު