އާބާދީގައި 5000
މީހުން ދިރިއުޅެމުންދާ ދ. ދެބާރަފުށްޓަށް ކޭބަލް ޓީވީގެ ޚިދުމަތް ތަޢާރަފުކުރުމާ
ގުޅިގެން ދަނީ ތަފާތު މައްސަލަތައް ކުރިމަތިވަމުންނެވެ. މި ރިޕޯޓަކީ ކޭބަލް ޓީވީގެ
ސަބަބުން އެރަށުގެ ރައްޔިތުންނަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ހޯދައި
ދިރާސާކުރުމަށްފަހު އެކަންކަން ހައްލުކުރުމަށްޓަކައި ކުރެވެންހުރި ކަންކަން
ބަޔާންކުރުމަށް، ދ. ދެބާރަފުށީ ކައުންސިލްގެ
ރިސާރޗް އޮފިސަރ ޢައިޝަތު އިމްނާ ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓު ބިނާކޮށްފައިވާނީ
ރަށުގެ ރައްޔިތުންނާއި ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުން ދީފައިވާ މަޢުލޫމާތުގެ މައްޗަށެވެ. އެގޮތުން
ރިޕޯޓުގައި ބަލާލެވިފައިވާނީ ކޭބަލް ޓީވީގެ ސަބަބުން ދިމާވެފައިވާ މައިގަނޑު މައްސަލަތަށް
ކަމުގައިވާ އާމްދަނީ ހޯދުމަށްކުރާ މަސައްކަތްތަކަށް ބުރޫއެރުމާއި ކިޔަވާ ކުދިން
ކިޔެވުމަށްދޭ ސަމާލުކަން ކުޑަވުމާއި އާއިލާގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން
އުފެދުމާއި ޒުވާނުންގެ އަޚުލާޤު ގޯސްވުން އަދި ދީނީ ކަންތައްތަކަށް ދޭ ސަމާލުކަން
ކުޑަވުމުގެ އިތުރުން އެކަންކަމުގެ ހައްލަށެވެ.
އާމްދަނީ
ހޯދުމަށްކުރާ މަސައްކަތްތަކަށް ބުރޫއެރުން
ދ. ދެބާރަފުއްޓަކީ
ޒަމާނުންސުރެ މަސްވެރިކަންކުރަމުންއައި ހީވާގި ބަޔަކު ދިރިއުޅުނު ރަށެކެވެ. އަދި
ރަށުގެ އާބާދީގެ ބޮޑުބައެއް އާމްދަނީ ހޯދުމަށް މިހާރުވެސް ކުރަމުންއަންނަ
މަސައްކަތަކީ މަސްވެރިކަމެވެ. އިހުގައި ފަތިހު މަހަށްފުރި ނަމަވެސް މިހާރަކަށް
އައިސް މަސްވެރިން މަހަށް ފުރަނީ މެންދުރުއެވެ. ރަށުގެ އޮޑިވެރިއެއްކަމަށްވާ
އަހުމަދު ޢީސާ މަޢުލޫމާތު ދިން ގޮތުގައި ކުރިއާ ހިލާފަށް މިހާރު އޭނާގެ ދޯނިވެސް
އާންމުކޮށް މަހަށް ފުރަނީ މެންދުރުން އަނބުރާ އެކެއްޖަހާ ކަންހާއިރު ކަމަށާއި
ރޭގަނޑު ނުވައެއް ޖެހުމުގެ ކުރިން އަނބުރާ އަންނަކަމަށެވެ. އޭގެ ސަބަބުން
އިހުނަށްވުރެ މަސްބެވޭލެއް މަދުކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އެގޮތަށް
ދިމާވާކަމަށް އޭނާ ޤަބޫލުކުރަނީ ރޭގަނޑު ރެސްލިން ނުވަތަ ފުޓްބޯޅަމެޗް ބަލަން
ދަންވަންދެން ހޭލާތިބުމެވެ. މަސްވެރިކަމުގެ އިތުރުން އާމްދަނީ ހޯދުމަށްކުރާ
އެހެނިހެން މަސައްކަތްކަށްވެސް ވަނީ ކޭބަލް ޓީވީގެ ސަބަބުން ބުރޫއަރާފައެވެ.
އެގޮތުން ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުން ލިބުނު މަޢުލޫމާތުތަކަށް
ބަލާއިރު ކޭބަލް ޓީވީ ތަޢާރަފުކުރި ފަހުން އެތަންތަނުގައި ވަޒީފާ އަދާކުރާ
މީހުންގެ %60 ކޮންމެ ދުވަހަކުވެސް ހާޒިރުވަނީ ގަޑިޖެހިގެންނެވެ. ހަމައެހެންމެ
ރަށުގައި ހިންގައި އަމިއްލަ ތަންތަނަށް ބަލާއިރު އެތަންތަނުގެ ވެރިން
ފާހަގަކުރައްވައި ގޮތުގައި ގިނަ މުއައްޒަފުން މިހާރަކަށް އައިސް އަންނަނީ ގަޑިޖެހިގެންނެވެ.
އޮފީހުގައިވެސް ގިނަ މުއައްޒަފުން ޓީވީބަލަން ތިބުމުގެ ސަބަބުން އެކަށީގެންވާ
ގޮތަށް ޚިދުމަތް ފޯރުކޮށްނުދެވުމާއި ޚިދުމަތްދިނުމުގައި ލަސްވާކަމުގެ ޝަކުވާ
އަންނަކަމަށްވެސް އެބޭފުޅުން އިތުރަށް ފާހަގަކުރެއްވިއެވެ.
ކިޔަވާ ކުދިން
ކިޔެވުމަށްދޭ ސަމާލުކަން ކުޑަވުން
ގާގަނޑަކަށް 1600 ކުދިން ތަޢުލީމު ހާޞިލްކުރަމުންދާ ދެބާރަފުށީ
ސުކޫލުގައި ނާސަރީން ފެށިގެން އޭލެވެލް އާހަމައަށް އަންނަނީ ކިޔަވާދެމުންނެވެ. މި
ސުކޫލަކީ އަތޮޅު ފެންވަރުގައިވެސް ގުނާލެވޭފަދަ ކާމިޔާބީ ތަކެއް ހޯދަމުން އަންނަ
ސުކޫލެކެވެ. ނަމަވެސް ކޭބަލްޓީވީގެ
ސަބަބުން ސުކޫލުގެ ދަރިވަރުންގެ ނަތީޖާ ދަށްވެފައިވާ ކަން ގިނަ ބަޔަކު
ފާހަގަކުރެއެވެ. ސުކޫލުގެ ޕްރިންސިޕަލް އަލީ ހުމައިދު ވިދާޅުވިގޮތުގައި ކުރިއާ
އަޅާ ބަލާއިރު މިދިއަ އަހަރު އޯލެވެލްގެ ނަތީޖާ ވަނީ %30 ދަށްވެފައެވެ. ކުދިންގެ
ނަތީޖާ މިގޮތަށް ދަށްވަން މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ކޭބަލް
ޓީވީގެ އަވާގައި ޖެހުމުގެ ސަބަބުން ކުދިން ގޭގައި ކިޔެވުމަށް ހޭދަކުރާ ވަގުތު
މަދުވުމާއި ސުކޫލަށް ހާޒިރުނުވުން އަދި ގަޑި ޖެހިގެން ސުކޫލަށް ހާޒިރުވުން ފަދަ
ކަންތަކެވެ. ރަށުގެ ކިޔަވާކުދިންގެ ތެރެއިން 300 ކުއްޖަކާ ސުވާލު ކުރެވުނު އިރު
ފާހަގަ ކުރެވެނީ ކޭބަލްޓީވީ ބަލާ ކުދިންގެ ނަތީޖާ އެނޫންކުދިންނަށްވުރެ
ދަށްވެފައިވާކަމެވެ. މީގެ އިތުރުން
ކޭބަލްޓީވީގެ ސަބަބުން ކުޑަކުދިން ސުކޫލަށް ގެންދިއުމުގައި ބެލެނިވެރިން
އިހުމާލުވުމާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. ސުކޫލުގެ މުދައްރިސެއް ކަމުގައިވާ
މުހައްމަދު އަމީގު ވިދާޅުވީ ބެލެނިވެރިން ރޭގަނޑު ޑުރާމާ ބަލަންތިބެފައި ލަހުން
ނިދުމުގެ ސަބަބުން ގިނަ ކުދީން ގަޑި ޖެހިގެން ސުކޫލަށް ގެންނަކަމަށާއި އަދި ބައެއް
ދުވަސް ދުވަހު ސުކޫލަށް ނުވެސް ގެންނަ ކަމަށެވެ.
އާއިލާގެ
މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދުން
ކޭބަލް ޓިވީގެ
ސަބަބުން ކުރިމަތިވެފައިވާ އަނެއް މައްސަލައަކީ އާއިލާގެ މެންބަރުންގެ މެދުގައި
ހަމަނުޖެހުން އުފެދުމެވެ. މިއީ މިއަދު މިރަށަށް ކުރިމަތިވެފައިވާ ކަންބޮޑުވާންޖެހޭ
ކަމެއް ކަމަށް ރަށުގެ ގިނަބަޔަކު ފާހަގަކުރެއެވެ. ރަށުގައި ނެރޭ
މަޖައްލާއެއްކަމުގައިވާ ސަމާ މަޖައްލައިގާ މިކަމާ ބެހޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި
މީހަކު ބުނެފައިވާނީ ކޭބަލް ޓީވީގެ ސަބަބުން އޭނާގެ އާއިލާގައި ތަޅާފޮޅުމާއި
ހަމަނުޖެހުން އުފެދިފައިވާ ކަމަށެވެ. އެގޮތުން މި ފަދަ އަރާރުންތައް އުފެދެނީ އެކަކު
ބޭނުންވާ އެއްޗެއް އަނެއްކަކު ބަލަން ބޭނުން ނުވުމާއި އެއްވަގުތެއްގައި އެކި
މީހުން އެކި ޗެނަލް ބަލަން ބޭނުންވާތީ ކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ. ދެބާރަފުށީ
ޕޮލިސްސްޓޭޝަންގެ އިންޗާރޖް އަހުމަދު ފަޒުލީ ވިދާޅުވީ އާއިލާ ތެރޭގައި އުފެދޭ
ހަމަނުޖެހުންތަކުގެ ނުރައްކާތެރި 380 އަށް ވުރެ ގިނަ މައްސަލަ މިއަހަރުގެ
މިހާތަނަށް އެކަނިވެސް އެ ސްޓޭޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. މިއީ ކުރިއާ އަޅާ
ބަލާއިރު %50 އަށްވުރެ އިތުރު
އަދަދެކެވެ.
ޒުވާނުންގެ އަޚުލާޤު
ގޯސްވުން
މި ރަށުގައި
ދިރިއުޅެމުންދާ ޒުވާނުންގެ އަޚްލާޤީ ފެންވަރު ދުވަހެއްދުވަހަކަށް ދަނީ ދަށްވަމުންނެވެ.
ނުރަނގަޅު އާދަތައް ޒުވާނުންގެ ކިބައިން ހީވެސް ނުކުރެވޭހާ ބޮޑަށް ދަނީ
ފެންނަމުންނެވެ. ރަށުގެ ހަރު މީހެއްކަމުގައިވާ އަހުމަދު އަލީ ބުނީ ޒުވާނުންގެ
އުޅުމާއި އަޚްލާޤަށް މިފަދަ ބޮޑެތި ބަދަލުތަކެއް އައިސްފައިމިވަނީ މިދިޔައަހަރު
ކޭބަލްޓީވީ ތަޢާރަފު ކުރި ފަހުންކަމަށެވެ. އެގޮތުން މިހާރަކަށް އައިސް ކަންފަތް
ތޮރުފައި މުދި ލުމާއި ފާޑުފާޑުގެ ހެދުން ލައި ގަހަނާ އެޅުމާއި ގޮތްގޮތަށް ބޯ
ހެދުން ޒުވާނުންގެ ތެރޭގައިވަނީ ޢާންމުވެފައެވެ. ރަށުގެ ޒުވާނުންގެ ތެރެއިން
އެފަދަ 200 ޒުވާނަކާ ސުވާލުކޮށްލުމުން އެ ހުރިހާ އެންމެންވެސް ބުނީ އެމީހުން
އެގޮތަށް ތިބެނީ ޓީވީން ފެންނަ ކޮންމެވެސް މީހަކު އެގޮތަށް ހުންނާތީ އެގޮތް ރީތިވެގެންކަމަށެވެ.
މީގެއިތުރުން ރަށުގެ ޕޮލިސް ސްޓޭޝަންގެ އިންޗާރޖް އަހުމަދު ފަޒުލީ ވިދާޅުވީ
މާރާމާރީއާއި ވައްކަމުގެ މައްސަލަތައް މިދިޔަ އަހަރުން ފެށިގެން އިތުރުވަމުން
އަންނަކަމަށެވެ. އެގޮތުން ކުރިއާ އަޅާބަލާއިރު ދެ ގުނަ އިތުރުވެފައިވާކަން އޭނާ
ފާހަގަކުރެއްވިއެވެ.
ދީނީ ކަންތައްތަކަށް
ދޭ ސަމާލުކަން ކުޑަވުން
ރަށުގައި
ނަމާދުކުރުމަށްޓަކައި 5 މިސްކިތް ހަދާފައި ހުރިނަމަވެސް މިހާރު އެމިސްކިތްތަކަށް
ނަމާދަށްދާ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެއެވެ. ރަށުގެ އެންމެ ބޮޑު ހުކުރު
މިސްކިތުގެ މުދިމު އާދަމް ހުސައިން ވިދާޅުވީ ކޭބަލް ޓީވީ ތަޢާރަފު ކުރެވުނު ފަހުން
ނަމާދަށް އަންނަ މީހުން މަދުކަމަށާއި ވަކިން ޚާއްސަކޮށް މެދު އުމުރުގެ މީހުންނާއި
ޒުވާނުން ނަމާދަށް ނާންނަކަމަށެވެ. އަދި ގިނަ މީހުން ނަމާދު ވަގުތަށް ނަމާދަށް
ނާރާކަމަށެވެ. މީގެ އިތުރުން ޒަމާނުންސުރެވެސް އޮންނަ އާދައެއްކަމުގައިވާ ދެނަމާދު
ދޭތެރޭ ޤުރުޢާންކިޔެވުމުގެ އާދަޔާ ގިނަބަޔަކު ދުރުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ރަށުގެ 200
ގޭބިސީއާ ސުވާލުކުރުމުން އެނގުނު ގޮތުގައި އެގަޑީގައި އޭގެތެރެއިން %50 ގޭގައި މިހާރު
ބަލަނީ ޑުރާމާއެވެ. ރަށު ސުކޫލުގެ އިސްލާމް މުދައްރިސާއެއް ކަމުގައިވާ އަމިނަތު
ފާރިޝާ ވިދާޅުވިގޮތުގައި ކޭބަލް ޓީވީ އިން ފޮނުވާ ޑުރާމާ އާއި ކާރޓޫން ފަދަ ތަކެތި
ބެލުމުގެ ސަބަބުން ކުދިންނާއި މީހުންގެ ހިތުގައި ލާދީނީ ޚިޔާލުތައް އުފެދި އަޤީދާ
ބަލިކަށިވެފައިވާ ކަމަށެވެ.
ހައްލު
ދެބާރަފުށީގެ
ރައްޔިތުންނަށް ކޭބަލް ޓީވީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަށް ދިރާސާ ކުރުމުން
އެނގިގެންދިޔަޢީ މިއީ މިރަށަށް
ދިމާވެފައިވާ މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މައްސަލަތަކެއްކަމެވެ. އެގޮތުން
ރަށުގެ ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ މީހުންބައިވެރިވާ
ސެމިނާރެއްބާއްވައިގެން ގޮތްތަކެއް ކަނޑައެޅިދާނެއެވެ. އަދި މި ގޮތްތައް
ތަންފީޒުކުރަމުންދާއިރު އަންނަ ބަދަލުތައް ބެލުމަށް ޓާސްފޯހެއް
އެކުލަވައިލެވިދާނެއެވެ. މީގެ އިތުރުން ވަޒީފާ އަދާކުރާ ތަންތަނުން ގަޑި ޖެހިގެން
އަންނަ މުއައްޒަފުންނާމެދު ޢަމަލު ކުރާނެ ހަރުދަނާ އުޞޫލުތަކެއް
އެކަށައަޅަންޖެހެއެވެ. ހަމައެފަދައިން ސުކޫލަށް ގަޑިޖެހިގެން އަންނަ ކުދިންނާއި
ހާޒިރުނުވާ ކުދިންނާމެދު އަޅާނެ ފިޔަވަޅުތަކެއް ކަނޑައަޅަންޖެހެއެވެ. މީގެ
އިތުރުން ވަކި ގަޑިތަކެއްގައި ކޭބަލް ޓީވީ ކަނޑާލުމަކީވެސް ކުރެވިދާނެކަމެކެވެ.
އެގޮތުން ނަމާދު ވަގުތުތަކާއި ދެނަމާދު ދޭތެރެ ވަގުތު އަދި މެންދަމުގެ ވަގުތު
ކޭބަލްޓީވީ ކަނޑާލެވިދާނެއެވެ. އާއިލާގެ ތެރޭގައި އުފެދޭ ހަމަނުޖެހުންތައް
ހައްލުކުރުމަށް މީހުން ހޭލުންތެރިވުން މުހިއްމެވެ. އަދި ލާދިނީ ފިކުރުތަކާއި
ޚިޔާލުތަކަށް މަގުފަހިކުރުވާފަދަ ޗެނެލްތަކުގެ ބަދަލުގައި ޢިލްމީ އަދި ދީނީ
ޗެނަލްތައް ދޫކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ.
ޚިޔާލު :
ޚިޔާލު ފާޅުކުރެއްވުމަށް
ހިޔާލު