"ފޭކު" ދަތްއުނގުޅާބޭސް



ސިއްސައިގެންގޮސް ހޭލެވުނީ ކައިރީ ހުރި ސޯނާ ގަޑީގެ އަޑުފަށްގަނޑަށެވެ. އެއަށް ބަލާލިއިރު އަށެއް ޖަހަން ފަންސަވީސް މިނެޓު ހުއްޓެވެ. އިއްޔަވެސް ގަޑި ސޯނާކޮށްފައި އެބެހެއްޓުނީ ނުބައިކޮށެވެ. ހިތްހަމަނުޖެހިފައި ހުރެގެން އަވަސްއަވަހަށް ބުރުހަށް ބޭސްއެޅުމަށްފަހު ދަތް އުނގުޅައި ނިންމާލައިފީމެވެ. ލޯގަނޑުން ދަތްޕިލައަށް ބަލާލީ ދަތްޕިލާ ހުދުވާނެކަމަށެވެ. ނަމަވެސް ދަތްޕިލައަކަށް މާބޮޑު ހުދުކަމެއް ނާދެއެވެ. މިއަދު ބޭސްވެސްމިއެޅީ އެހެންޏާ އަޅާވަރަށްވުރެ ގިނައިންނެވެ. ކުރާނެކަމެއްނެތެވެ. މިހާރު ކޮންމެ އެއްޗެއްގެވެސް ހުންނަނީ "ފޭކެވެ." މި ބޭހުން ރަނގަޅަށް ގަރުވެސް ނާރަނީއެވެ. ނުވިތާކަށް އެހާ އާވިވެސް ގަދައެވެ. ނަމަވެސް ދަތްޕިލައަކަށް ހުދުކަމެއް ނާރައެވެ. މިފަދަ ހިޔާލުތަކެއްގައި ހުރެ ފެންވަރައި ނިންމާލައިފީމެވެ.


 ފަހަރެއްގައި ގިނައިން ބޭސްއެޅީމަ ކަމަށް ވެދާނެއެވެ. އަނގައިން ވަރަށް ބޮޑަށް ދިލަނަގަން ފަށާފިއެވެ. އެއާ އެއްވަރަށް އަހަރެންގެ ރުޅިގަނޑުވެސް އައީ ގަދަވަމުންނެވެ. އެންމެ ފަހުން ކެތްކުރެވޭވަރަށްވުރެ ބޮޑަށް ދިލަނަގަންފަށާފިއެވެ. ދެލޮލުން ފެންއައިސް މުޅިމީހާ ހޫނުވަންވެސް ފަށަފިއެވެ. އޮފީހަށް ދާގަޑިވެސް ކުޑަތަންވަނީއެވެ. އަޑަށް ބާރުލާފައި އަންހެނުންނަށް ގޮވާފީމެވެ. އަހަރެންނަށް ވެފައިވާގޮތް ފެނުމާއެކު އޭނާހުރީ ބުނާނެ އެއްޗެއްވެސް ނޭނގި އަނގަ ތަންމިނަށް ހުޅުވާގެންނެވެ.

" ބޭސްފުޅިއެއް ގަ..ގަ.. ގަންނާށޭ ބުނީމަ މިއޮތީ ކޯންޗެއްގަނެފަ... ނުގަންނާނަމޭ ބުނިނަމަ ނިމުނީނު ޖެއްސުންނުކޮށް .. މުޅިން ހަލާކުވެއްޖެ..މި..މި އަދު އޮފީހަށްވެސް ނުދެވުނީ.." އަހަރެން ކައިރިއަށް އައިސް ހުރި ރުޅިއާ ނަގާ ދިލައިން ކިޔޭ އެއްޗެއްވެސް ނޭނގެއެވެ.

"މިއޮތީ އެހެންޏާވެސް ގަންނަ ކޮލްގެޓެއްނު ގަނެފަ. ވަކިވައްތަރެއް ގަންނާށޭ ނުބުނަމެއްނު .. ދެންކިހިނެއް އެނގޭނީ މިހެންވާނެކަމެއް.." އަންހެނުން ބޭސްފުޅި ބަލަނީއެވެ. ކިޔާއެއްޗެއް އަހަރެންނަކަށް ސާފެއްނުވެއެވެ. އެއިރު އަހަރެންނަށް އިނީ ދެދުނިޔެވެސް އޮޅިފައެވެ. މުޅި އަނގަމަތިވެސް އޮތީ ރަތްއަރާފައެވެ.

ބޭސްފުޅިބަލަން ހުރެފައި އަންހެނުން ހޭންފަށާފިއެވެ. ހަތަރުފާރު ވައްޓާލާހާ ރުޅި އަހަރެންގެގާތަށްއައެވެ. ވީގޮތް އަހާއަހާވެސް އޭނާއަކަށް އެއްޗެއް ބުނެވޭވަރެއް ނުވެއެވެ. ހަމަހެނީއެވެ. އެންމެފަހުން އަހަރެންއެތަނަށް ގޮސް އޭނާގެ އަތުގައި އޮތްފުޅި ޖަހާގަތީމެވެ. އެއީ އޭނާގެ ފައިގާ ރިހޭތީ އުނގުޅަން ދިން ޖެލްފުޅިއެކެވެ. ވަގުތުން އަހަރެންނަށް ވީގޮތް ރޭކާލިއެވެ. ދަތްއުނގުޅާބޭސް ކަމަށް ބޭސްމިއެޅުނީ އެފުޅިންނެވެ. އަހަރެންގެ ގާތަށްވެސް ހިނި އަންނަގޮތްވިއެވެ. އެކަމަކު ނުހެވުނެވެ. ވާހަކައެއްވެސް ނުދެއްކުނެވެ. ދިލަ ނަގާވަރުން އަނގަ ހަލުވާލަންވެސް ނުކެރޭތީއެވެ.



هناك تعليق واحد :

ހިޔާލު